މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީކުރަން ނިންމާފައިވާކަމަށް އެ ކައުންސިލުން ހާމަ ކޮށްފިއެވެ.

އެ ކައުންސިލުން ބުނީ، ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ އަވަށުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ކަމަށެވެ.

ގަލޮޅުގައި ތަރައްގީކުރާ ޕާކު ތަރައްގީ ކުރަން ނިންމާފައިވަނީ، ކުރީގެ ސިޓީ ޕާކު ހުރި ބިމުގައެވެ.

ކައުންސިލުން ބުނީ، އެ ތަނުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ކަމަށާއި މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ" ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެ ކަމަށެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާނެ ކަމަށާއި ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދެވިފައިވާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ހާއްސަ ތީމަކަށް ފަރުމާކޮށްފައިވާ 'ފްލަރވަރ ސީޓް' އަދި 'ލީފް ސީޓް' ތަކެއް ވެސް މި ޕާކުގައި ބަހައްޓާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، އައުޓްޑޯ ޖިމަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" އެޕާކުގައި ތަރައްގީ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މާލޭގެ އެހެން ޕާކުތަކާ ހިލާފަށް މި ޕާކުގައި ފާހާނާތަކެއް ވެސް ހަދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން