ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން މިއަހަރު 17.2 އިންސައްތަ ކުރިއަރާނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 2023 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު މިއަދު ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން 17.2 އިންސައްތަ ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އަދި ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުމާއެކު 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން 2023ގެ ބަޖެޓުގައި އަމާޒު ހިފާފައިވާނީ، ދަޢުލަތުގެ ޑެފިސިޓްކުޑަކުރުމަށް ކަމަށާއި، ރާއްޖެ ހޯދަމުންމިދާ އިޤްތިސާދީ ކުރިއެރުން ނުހުއްޓި ކުރިއެރުމަށް ގެންދިއުމަށްކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރަކީ ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި އެވަރެޖްކޮށް ހުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން