އެމްއެމްޕީއާރްސީ އޮފީސް
އެމްއެމްޕީއާރްސީ އޮފީސް
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ޖެހި ރާއްޖޭގެ މުޅި ސިޔާސީ މަސްރަޙު ކަޅުވެފައިވާ ކަމުގެ އިންޒާރެއް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދެއްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ, އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ދަލުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތައް ޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ބައެއް "ލީޑަރުން" ވެސް ހިމެނޭ ކަމަށެވެ.

"ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނޭ. މި ދެންނެވީ ކޮންމެވެސް ވަރަކަށް ވެސް ފައިސާ ލިބިގެން ނުވަތަ ތުހުމަތު ކުރެވިގެން އެމީހުންގެ ނަން އެއްކަލަ ލިސްޓަށް އަރާފައި އެބައޮތް." ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގާދިޔަ އެންމެބޮޑު ޚިޔާނާތުގެ ޢަމަލު ހިންގެވުމުގައި ޢަމަލީގޮތުން އެންމެ އިސްކޮށް އުޅުނީ ހައެއްކަ މީހުން ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އޭގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ތިން ބޭފުޅެއް ކަމަށާއި އެއީ އެޚިޔާނާތް ރޭވުންތެރިކަމާއެކު، ސިސްޓަމް ތެރޭގައި އިންތިޒާމް ކޮށް ހިންގުމުގައި އުޅުއްވި ތިން ބޭފުޅުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޝަމީމް ވިދާޅުވިއެވެ.



"މި ފާހަގަކުރެވެނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް، ރައީސް ޔާމީނާއި އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ހުންނެވި ބޭފުޅަކާއި މި ތިން ބޭފުޅުން އެއްކޮށް ރާވާ ހިންގުމުގައި އުޅުއްވި ކަމަށް އަޅުގަނޑުމެންނަށް ތަހުގީގަށް ފާހަގަކުރެވެނީ. ދެން އެމީހުންގެ މައްޗަށް ވަނީ ކޯޓަށް ދައުވާ ހުށަހެޅިފައި. އެކަންކަން ކުރިޔަށް އެބަދޭ." ރައީސް ޔާމީން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ހިންގި ކަމަށް ބުނާ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާގެ ޝަރީޢަތުގައި ނާއިބްރައީސް އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް މިވަރުގެ ބޮޑު ޚިޔާނާތެއް އެ ތިން ބޭފުޅުންގެ އެކަނި ހުޝިޔާރު ކަމުން ނުހިންގޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގައި އޭރުގެ ދައުލަތް ހިންގުމުގައި ތިބި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލު އޮތްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން އޭނާ ވަނީ، ފުލުހުންނާއި، އޭސީސީގެ ކުރީގެ މެމްބަރުންގެ ބައިވެރިވުން އެކަމުގައި އޮތްކަމަށް ބެލެވޭ ކަމުގައި ވިދާޅުވެފައެވެ.

"މިސާލަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން. އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޭރުގެ މެންބަރުންގެ ދެން އަޅުގަނޑުމެންނަށް ފާޅުގައި ފެންނަން އެބައޮތް އޭގެ އިހުމާލެއް ހަމަ ގައިމުވެސް އެބޭފުޅުން މަސައްކަތް ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފަރުވާ ކުޑަ ކަމެއް އުޅޭ ކަމަށް. އަނެއްހެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި. އޭގެ ތަހުގީގުތައް އެބަ ކުރިޔަށްދޭ. އެހެންވީމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންގެ މައްސަލަތައް ވެސް އެބަ ބެލޭ. އޭގެއިތުރުން އޭރު ރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުންގެ މައްސަލަތައް ވެސް އަންނަނީ ބަލަމުން." ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ކްލަސްޓާގައި ސިޔާސީ ބައެއް ވެރިން ހިމެނޭ ކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގެ މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށާއި، މި ސަރުކާރުގެ ވަޒީރުންނާއި، އޭރާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅުންނަކީ މައްސަލައިގެ އަރިމަތީގައި ހުލާސާ ގޮތެއްގައި އުޅުއްވި ބޭފުޅުންނަށް ވެދާނެ ކަމަށާއި، ނަމަވެސް ގޯހެއް ވާނީ ގޯހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.



"އަޅުގަނޑުމެންގެ ވިސްނުމަކީ މި ސަރުކާރުވިއަސް އަދި ކުރީ ސަރުކާރުވިއަސް ގޯހެއް ހަދާފައި އޮތީވިއްޔާ އަޅުގަނޑުމެންނަށް އެކަން ސާބިތު ކުރެވޭނިއްޔާ ދައުވާ ކުރާނަމޭ. މި ސަރުކާރުވިއަސް މިހާރުގެ މިނިސްޓަރަކަށް ވިއަސް ކުރީގެ މިނިސްޓަރަކަށް ވިއަސް މަޖިލިސް މެންބަރަކަށްވިއަސް." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި 260 ވަރަކަށް މީހުންގެ ނަން ލިސްޓެއް އޮތް ކަމަށް މީޑިއާތަކުގައިވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހާލެއްގައި އެ ހުރިހާ ފަރާތްތައް ޖަލަށްލާ ވާހަކަ ނުދައްކަވާ ކަމަށާއި، އެކަމާ ގުޅިގެން ތަފާތު އެކި ބޭފުޅުން އެކި ކަންކަމުގައި މުއާމަލާތް ކުރައްވާފައިވާ ކަމަށާއި، އޭގެތެރޭގައި ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ދައުވާ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ނުބައި ނިޔަތެއް އޮވެގެން މުއާމަލާތް ކޮށްފައިވާ އެއްވެސް މީހަކު ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މީގެތެރޭގައި އުޅޭނެ ހަމަ ތަފާތު އެކި ހަމަ ރަނގަޅު މުއާމަލާތްތައް ހަމަ ރަނގަޅު ނިޔަތުގައި ކުރި މީހުންވެސް. އެމީހުންގެ މައްޗަކަށް އަޅުގަނޑުމެން ދައުވާ އެއް ނުކުރާނަން، ނުވެސް ކުރެވޭނެވެސްމެ. އެހެންވީމަ ނުބައި ނިޔަތެއް އޮވެގެން އެ ނުބައި ނިޔަތް އަޅުގަނޑުމެންނަށް ދައުވާ ކުރެވޭ މައްސަލަތަކުގައި އަޅުގަނޑުމެން ދައުވާ ކުރާނަން." ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސިއްކަ ޖެހުމުގެ އެންމެބޮޑު ސަބަބު ކަމަށް ސިޔާސީ ދާއިރާގެ އިސް ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް އެ ޚިޔާނާތް ތަޙުޤީޤުކޮށް އެކަމުގެ ޙަޤީޤަތް ހޯދުމުގެ ވަޢުދާއެކު، ވެރިކަމަށް އައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ދޮޅުއަހަރު ވެގެން ދިޔައިރު މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިއުމުގައި ސަރުކާރު ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ. މިއަދު ރައްޔިތުން ބުނަމުން ދަނީ ކޮންމެ ބޭފުޅަކުވެސް ދައްކަވަނީ މޮޅު ވާހަކަ ކަމުގައެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތުގެ ސްޕީޑު ލަސް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާއި، ގިނަ ޢަދަދެއްގެ ޢާއްމުރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން