ކޯވިޑް-19 އާއި ގުުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް ފުލުހުން
ކޯވިޑް-19 އާއި ގުުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް ފުލުހުން
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ފުލުހުންގެ ބިލަކީ ޒަމާންވީ ބަދަލުހިފުމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙާއި ގުޅިގެން "ރަސް އޮންލައިން" ގައި ޝާޢިއު ކޮށްފައިވާ ރިޕޯޓަކާއި ޙަވާލާދެއްވައި، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށައަޅާފައިވާ ބިލަކީ، ޒަމާންވީ ބަދަލު ހިފުމެއް ކަމަށެވެ.

"ގޮޅާފޯސް، ބާޣީ، މަނީމަނީ ޔެސް ސަރ، ފަދަ ބުލީ ކުރުމުގެ ފަލްސަފާ އުފަންކުރީ ކޮންބައެއްކަން ފުލުހުންނަށް އެނގޭނެ." ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްކުރަށްވައި ސަޢީދު ވިދާޅުވިއެވެ.

ސަޢީދު މިފަދައިން ވިދާޅުވެފައި ވާއިރު، ކޮންމެ ވެރިކަމަކާ ދިމާކޮށް ފުލުހުންނަށް ނިސްބަތްކޮށް ތަފާތު ނަންނަމުން މުޚާތަބު ކުރުމަކީ ރާއްޖޭގައި އަށަގެންފައިވާ ނުރަނގަޅު ސަޤާފަތެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުއޮތް ފުލުހުންގެ މުއައްސަސާއަށް ނިސްބަތްކޮށް އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މުޚާތަބް ކޮށްފައިވަނީ، "ގަންޖާ ފޯސް" ގެ ނަމުންނެވެ.

ސަޢީދު އިތުރަށް ވިދާޅުވީ، ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވިޔަސް، މިހާލަތުގައި މިކަމާމެދު އެއްޗެއް ބުނުމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އާއި، ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފަސްޖެހިވަޑައިގަންނަވާނެކަން އެނގިވަޑައި ގަންނަވާ ކަމަށެވެ.

ސަޢީދުގެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޓެގް ކުރަށްވާފައި ވުމުން، ކުރިން އޭނާ އިޝާރާތް ކުރެއްވި ބޭބޭފުޅުންނަށް މި ބިލާ ގުޅޭ ގޮތުން އެއްޗެއް ވިދާޅު ނުވެވެނީ ރައީސް ނަޝީދުގެ ނުފޫޒު އެބޭފުޅުންގެ މައްޗަށް އޮތުމުންކަމަށް ދޭހަ ކުރެވެއެވެ.



ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރަށް ކަންކަން އެންގުމުގެ ބާރު ކޮމިޓީއަށް ދީފައި އޮތުމުގެ އިތުރަށް ފުލުހުން ހިންގާފައިވާ، ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަން ރާވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެ ކޮމިޓީއަށް މިބިލުގައި ލިބިދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށައެޅުއްވި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ހަސަން ލަތީފް ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި އެބިލާމެދު މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ ބިލަކީ ޝަރަފުވެރި ގަދަރުވެރި އަދި ރައްޔިތުންގެ އިތުބާރާ ލޯބި ލިބޭނެ ފުލުހުންގެ ޚިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން