ވ.ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް (ފޮޓޯ: އެމްޓީސީސީ)
ވ.ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް (ފޮޓޯ: އެމްޓީސީސީ)
ވ. ރަކީދޫ ބަނދަރު ހެދުމާއި، ރ. ވަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ވ. ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒްއާއި ވެހިކަލްތައް އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ. ރަކީދޫ ބަނދަރު ހެދުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ ހުއްދަ ލިބިފައިވަނީ 26 ޑިސެމްބަރ 2019 ގައެވެ. 18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި، 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ބަނދަރާއި އިންވެންގެން 429 އަކަ މީޓަރުގެ ޕޭވްމަންޓް މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެެ.

މީގެ އިތުރުން ރ. ވަންދޫ ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ވަންދޫ ބަނދަރު މަރާމާތުކޮށް، ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 75 މީޓަރުގެ އެއްގަމު ތޮށްޓެއްލައި، ކުރިން ހަލާކުވެފައި ހުރި ތަންތަން ޕްރީކާސްޓް ބްލޮކްސް ބޭނުންކޮށްގެން މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން