އައްޑޫ އިސްމެޖިސްޓްރޭޓާއި، ހިތަދޫ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން މިއަދު ބުނީ އައްޑޫގެ ފަނޑިޔާރުންނާގުޅޭ މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވަނީ 2022 މާރޗް 02 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު ޢަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް އެ ކޮމިޝަނުން ތަހުޤީޤުކުރަން ފެށިކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި މިމައްސަލައިގެ ތަޙްޤީޤުގެ ތެރެއިން ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ބެލުމަށް ނިންމައި 2022 ނޮވެމްބަރ 27 ވީ އާދީއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 85 ވަނަ ޖަލްސާގައި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީން ވަނީ މަޢުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން