ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަކީ، ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި، މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުއައްސަސާ ކަމަށާއި، ކޯވިޑްގެ ބަލިމަޑުކަމުގައި އެ ދެ މުއައްސަސާގެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ އަދި އަގުނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކޮންމެ ބައެއްގެ ތެރޭގައިވެސް އިޞްލާޙްކޮށް ރަނގޅުކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަމާ މެދު ޝައްކު ނުކުރަށްވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"ނަމަވެސް ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން، މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދުގެ ވާހަކަފުގައި ރައީސް ޞާލިޙް ވަނީ، ސިފައިންނާއި ފުލުހުންގެ މުއައްސަސާގައިވެސް އިޞްލާޙްކޮށް ބަދަލުގެންނަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވާއިރު، ފުލުހުންގެ މުޢައްސަސާ ރިފޯމް ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އެ ބިލްގެ ބަހުސް ވަނީ ކޮށްފައެވެ. ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހެޅީ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާ އެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށައެޅުއްވި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ހަސަން ލަތީފް ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި އެބިލާމެދު މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ ބިލަކީ ޝަރަފުވެރި ގަދަރުވެރި އަދި ރައްޔިތުންގެ އިތުބާރާ ލޯބި ލިބޭނެ ފުލުހުންގެ ޚިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ އަނިޔާވެރިކަމުގެ ސަޤާފަތެއް އަށަގެންފައިވާ އިދާރާއެއްކަމަށް ބުނެ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން