ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރ 9 ގައި ބޭއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

ހަމައެއާއެކު އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައިކަމަށް އީސީން ހާމަކޮށްފައިވެއެވެ.

މަގޭ ވިސްނުން، މަގޭ ވޯޓުގެ ސްލޯގަންގެ ދަށުން ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އޮގަސްޓް 3 އަށް ހަމަވާނެ ކަމަށާއި ކުރިމަތިލާ ފަރާތްތަކުގެ ނަން ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް 9، 2023 ގައި ކަމަށްވެސް ފުއާދު މިއަދު ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓާސް ލިސްޓް އަންނަ މެއި މަހުގެ 2 ވާ އަންގާރަ ދުވަހު އާންމު ކުރާނެ ކަމަށާއި ޖޫން 2 ވާ ހުކުރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް އީސީން މިއަދު ހާމަކޮށްފައިވެއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބުގައި ޖުމްލަ 600 ފޮށި ބަހައްޓާނެ ކަމަށެވެ. ހަމައެއާއެކު ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 280،000 މީހުން އެބަތިބިކަމަށްވެސް ފުއާދު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން