ރައްޔިތުންނަށް ކުރާ އެއްވެސް ހޭދައަކީ އިސްރާފެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިނަށް" ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސަޢީދު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއްވެސް ރަށެއް ބާކީ ނުކުރުމަކީ ރައީސް ޞާލިޙާއި މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

ސަރުކާރުން ގެންގުޅޭ މިސިޔާސަތަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވަމުން ސަޢީދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙްގެ ވިސްނުންފުޅަކީ ތަކްލީފަކާނުލައި ހުރިހާ ރައްޔިތުންނަށްވެސް ފަސޭހައިން ޚިދުމަތްތައް ލިބޭނެގޮތަށް ސަރުކާރުގެ މަސައްކަތްތައް އިންޒާމުވެފައި އޮތުންކަމަށެވެ. އަދި ރައްޔިތުންނަށް އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދަތަކަކީ އިސްރާފުނޫން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ސަރުކާރުން ކުރާ މައިގަނޑު މަސައްކަތަކީ ރައީސް ޞާލިޙްގެ ވިސްނުންފުޅާއެކީގައި ކުޑަރަށެއް ބޮޑުރަށެއް ވަކި ޢާއިލާއެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފެނަކައިން މަސައްކަތް ކުރަމުންދަނީ ރައީސް ޞާލިޙްގެ ތަޞައްވަރާ އެއްގޮތަށް އެމަނިކުފާނުގެ އަމާޒަށް ކަމަށެވެ. އެގޮތުން މިސާލު ޖައްސަވަމުން ސަޢީދު ވިދާޅުވީ "ތާޖުމަހަލް" އަޅައިދޭން ޖެހޭނީ ވަކި ރަށެއްގެ ބަޔަކަށް ކަމަށް ރައީސް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ތަފާތަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެން ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތައް ބަޔަކަށް އެއީ އިސްރާފުގެ ގޮތުގައި ފެނުމަކީ ވަރަށް ދެރަވަރު." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ސިޔާސަތަކީ ލުއިފަސޭހަ ޚިދުމަތްތަކާއެކީ، ތާހިރު ދިރިއުޅުމެއް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހޯދައިދިނުން ކަމަށެވެ. އަދި އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި، އެމަގަށް ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

ހަމައެހެންމެ ރައްޔިތުން ސަރުކާރާއެކު ފަސްބެލުމެއްނެތި ކުރިޔަށްދާންޖެހެނީ މި ސަބަބާހުރެ ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން