ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، ލ. އަތޮޅުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ގަދަ ކަމުން ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޖެނުވަރީ 6 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ލ. އަތޮޅުގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކު އެރަށުގެ ދަނޑުބިން ސަރަހައްދަށް ގަދަ ކަމުން ގެންދިއުމަށް ފަހު ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ޝަޒްލީފްގެ މައްޗަށް ސާބިތުވާކަމަށް 18 ޖަނަވަރީ 2022 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލާގައި ރޭޕްކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ކޮށްފައި ވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ ދާބިތުވެ އިތުރު 20 އަހަރާއެކު ޖުމްލަ 40 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވައިފައެވެ.

އަދި އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި 2 އަހަރާއި 1 މަހާއި 14 ދުވަސް ޙުކުމްގެ މުއްދަތުން އުނިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން