ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެގޮތުން ގދ. ގައްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 07 މެއި 2022 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މަސައްކަތުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ހާބަރ ބްރިޖް ކޮލަމްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.



މިމަޝްރޫއުގެ ދަށުން 23،017 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 320 މީޓަރުގެ ސްކައުރިންގ އޭޕްރަންއެއް ހެދުމާއި، 1،600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގައި ހިމެނިގެން ކުރިއަށްދާނެއެވެ.

ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަކީ 38.4 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން