ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުމާ ދެކޮޅަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބީލަމަށް ހުޅުވާލާފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކަށެވެ. ބީލަން ހުށަހެޅޭ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ތިލަފުއްޓަކީ ދިވެހި ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ "ދިވެހި ވިޔަފާރިވެރިންނަށް" މުހިންމު ތަނެއް ކަމަށެވެ. ނަމަވެސް ބީލަމުގެ އުސޫލުން 99 އަހަރަށް ތިލަފުށިން ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިންނަށާއި ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އާދަމް ޝަރީފްގެ ކުއްލި މައްސަލާގައިވެއެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލާގައި ގޮވާލާފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެކުލަވާލާފައިވާ ބިން ވިއްކުމުގެ އުސޫލަށް ބަދަލު ގެނައުމަށެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ވޯޓު ދިނީ ނުވަ މެމްބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލީ ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދީގެނެވެ.

ތިލަފުށީ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިންވިއްކުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވާނެ ކަމަށެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން