ތުރުކީ ވިލާތާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް ހޯމަދުވަހު ހެނދުނު އައި ބާރުގަދަ ބިން ހެލުމުގައި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ތުރުކީވިލާތުގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ގުޅިގެން އެޤައުމުގައި ތިބި ދިވެހިންގެ ޙާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ބިންހެލުން އައި ސަރަޙައްދަކީ ދިވެހިން ޢާއްމުކޮށް ދިރިއުޅޭކަމަށް ރިޕޯޓުކޮށްފައިވާ ސަރަޙައްދެއް ނޫންކަމަށްވެސް ޚާރިޖިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ތުރުކީ ވިލާތަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ގިނަ ޢަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ޤައުމެކެވެ.

ތުރުކީވިލާތަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރުވަނީ ހަތްހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި ތިރީސް ހަތަރުހާހަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ބިންހެލުންއައި ސަރަޙައްދަށް ބޯކޮށް ވާރޭވެހި ސްނޯ ފައިބަމުންދާތީ ޢިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށްވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

ތުރުކީގެ ދެކުނަށް އިއްޔެ ފަތިހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ ލޮޅުން އައިސްފައިވެއެވެ. ފުރަތަމަ ބިންހެލުން އައިތާ 12 ގަޑިއިރު ފަހުން 7.5 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއްވެސް ހަމަ މި ސަރަޙައްދަށް އައިސްފައި ވެއެވެ.

މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތުރުކީއާއި ސީރިއާގެ ބޯޑަރ ސަރަހައްދަށް އައި އެންމެ ވަރުގަދަ އެއް ބިންހެލުމުގެ އަސަރު ލުބުނާނާއި އިސްރާއީލާ ހަމައަށް އިހުސާސުވިކަމަށް ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން