އެމްއެންޕީގެ ވެރިކަމެއްގައި ދީނީ ޢިލްމުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ފާހަގަ ކުރަށްވަމުން ޝަރީފް މިއަދު ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި އިލްމުވެރިންގެ އިއްޒަތާއި ގަދަރު ގެއްލޭގޮތަށް ހިންގޭ އެއްވެސް ހަރަކާތަކަށް ހިތްވަރުނުދޭނެ ކަމަށެވެ.

އޭގެ އިތުރުން އެމްއެންޕީގެ ވެރިކަމެއް ވެގެންދާނީ ޢިލްމުވެރިންނަށް އިލްމު ފެތުރުމުގައި ކުރިއަށް ދިއުމަށް އެއްވެސް ހުރަހެއްނެތި ފުރުސަތުދެވޭނެ ވެރިކަމަށް ކަމަށްވެސް ސައިރިކްސް ކޮލެޖްގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ގޮވާލަށްވާފައިވާތީ އެކަމާ ގުޅޭގޮތުންވެސް ޝަރީފްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ އެމްއެންޕީން ޕްރޮމޯޓްކުރާނީ އެކުވެރިކަން ކަމަށެވެ.

“ސިޔާސީ ކަންކަމުގައި ޔާމީނާ އެކުގައި މަސައްކަތް ނުކުރެވޭނެތީ އެވާހަކަ ކުރިންބުނީ، އޭގެ މާނައެއްނޫން ޔާމީނުއަށް އޮތް އިންސާނިޔަތުކަން ނެތެކޭ.” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކާނަލް ނާޒިމަކީ އިންސާފުން ނޫންގޮތަކަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބޭނަމަ އެކަމާ ދެކޮޅު ހަދާނެ މީހެއް ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރަށްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު