ރައީސް ޞާލިޙްގެ އުންމީދަކީ ޖަޒީރާވަންތަ ރާއްޖެއެއް ތަރަައްޤީކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވަނީ އެހެން ޕާޓީތަކާއި އެމްޑީޕީ ތަފާތުވާ ސަބަބުތައް ޙިއްސާކުރަށްވާފައެވެ. އެގޮތުން މާރިޔާ ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅީ އެންމެ އާދައިގެ މެމްބަރަށްވެސް ބަސްބުނުމުގެ ފުރުސަތު ދީގެން ކަމަށެވެ. އަދި އެމްޑީޕީ އަކީ އެންމެންގެ އަޑުވެސް އަހާނެ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ޞާލިޙްގެ ތަސައްވަރެއް އެބައޮތް ކަމަށާއި އެއީ ޖަޒީރާ ވަންތަ ރާއްޖެއެއް ތަރައްޤީކުރުން ކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތައް ފުޅާކޮށް، ކުދި ރަށްރަށާއި ބޮޑެތި ރަށްތަކަށް ބޭނުންވާ ކަންކަން ރައީސް ޞާލިހު ދަނީ ކޮށްދެއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ޞާލިޙް އެއްބަސްވެ ވަޑައިގެންނެވީތީ އުފާކުރަށްވާކަން ފާހަގަކުރަށްވައި މާރިޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ރައީސް ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ސަރުކާރުން ކުރި މަސައްކަތާއި މެދު ރައްޔިތުން ވިސްނާ ކަމަށާއި ރައީސް ކޮށްދެއްވި މަސައްކަތް ބަލައިގަންނަ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރަށްވާ މަސައްކަތުގެ އިތުރުން މާލޭގެ ތޮއްޖެހުން ޙައްލުކުރުމަށްވެސް ރައީސް ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި އެއީ މާލޭ ރައްޔިތުން ރައީސް ޞާލިޙްގެ ޚިދުމަތް ބަލައިގަންނަ ސަބަބެއް ކަމަށްވެސް ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ ޕީޕީއެމުން ރިޔާސީ ޓިކެޓް ދިނީ ކިހިނެއްކަން ސާފު ނުވާ ކަމަށާއި އެއާއި ޚިލާފަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅީ އެންމެ އާއްމު މީހާ އަށް ވެސް ބަސް ބުނުމުގެ ފުރުސަތު ދީގެން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ރޭ އަރުވާފައިވާއިރު މިއީ އެމްޑީޕީގެ ތާރީހުގައި އެމްޑީޕީގެ ރައީސަކު ރައީސްކަމުގައި ހުންނަވަނިކޮށް ދެވަނަ ދައުރެއް ދިނުމަށް ޕްރައިމަރީ ބާއްވައިގެން ޓިކެޓް ޙަވާލުކުރި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު