ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ ޖަލަށް ލާންޖެހޭ ކަމެއް ކަމަށާއި ރައީސް ޔާމީނަށް ކޮށްފައިވަނީ ޙަލާލު ޙުކުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވަނީ ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވަނީ ޙަރާމް ޙުކުމެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ ޔާމީނަށް ކުރިވަރުގެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައި ނުވާ ކަމަށާއި ދައުލަތުގެ ވެރިއަކަށް ހުންނަވައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ ޖަލަށް ލާން ޖެހޭ ކަމެއް ކަމަށެވެ.

ރޭގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮވެގެން ޕީޕީއެމްގެ ލީޑަރޝިޕުން ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ. އަދި އެޕާޓީން މިހާރު ކުރިއަށްގެންދާ މަގުމަތީ ޙަރަކާތްތަކަކީ ރިޔާސީ އިންތިޚާބާ ހަމައަށް އެޕާޓީގެ މެމްބަރުންގެ ރޫޙު ހިފެހެއްޓުމަށް ކުޅޭ ޑްރާމާއެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ދަޢުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން މިސަރުކާރުން ޖަލަށްލާނެ ކަމަށްވެސް ރޮޒައިނާ ރޭ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނާއެކު އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި ކުދި ވަގުންތައް ހޯދަންޖެހޭ ކަމަށް ރޮޒައިނާވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ވެރިން ތިބީ ޖަލުގައިކަމަށާއި އެއާއި ޚިލާފަށް ރައީސް ޞާލިހު އެއްވެސް ސިޔާސީ ވެރިއަކު ހައްޔަރު ކޮށްފައި ނުވާކަމަށް ވިދާޅުވެ ރޭގެ ޖަލްސާގައި ރޮޒައިނާ ވަނީ އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަމުގައި ފެންނަންހުރި ތަފާތުތައް ވިދާޅުވެދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު