ރާއްޖެތެރެއަށް މިއަދު އަންނަމުންދަނީ ހަގީގަތުގައިވެސް ފާގަތި ރަބީޢެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޞާލިޙްގެ މިވެރިކަމަކީ ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ހެޔޮ ނަސީބެއް ކަމަށެވެ. އެގޮތުން މިވެރިކަމުގައި އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީކޮށްފައިނުވާކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޞާލިޙް ހޯއްދެވި ކާމިޔާބީގެ ސިއްރަކީ އާބާދީގެ ކުޑަ ބޮޑު މިނަށް ބެއްލެވުމެއްނެތި، ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތެއްގައި ރައްޔިތުން އެދޭ ތަރައްގީގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.

އެގޮތުން ރަށްރަށުގައި ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއެކު މިއަދު ރާއްޖެތެރެއަށް އަންނަމުންދަނީ ހަގީގަތުގައިވެސް ފާގަތި ރަބީއެއްކަމަށް ސަލީމް ވިދާޅުވިއެވެ.

“ކަންކަން މިދެންނެވި ގޮތަށް ލޯމަތިން ފެނުނީމަ މިއަދު ރައްޔިތުން ބޭނުންވޭ އިޚުލާސްތެރި ވެރިއެއް މިގައުމުގެ ޒައާމަތުގަ ހުންނަން. އެކަން މިއަދު ފެނިގެން މިދިޔައީ.” ސަލީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ސަލީމު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އޮޑި ދީލާލެވެން ނެތްކަމަށާއި، އޮޑީގެ ކުޅަދާނަ ކައްޕިތާނު ބަދަލުކުރުން އަމުދުން ބުއްދިވެރި ނޫންކަމަށެވެ. ހަމައެއާއެކު ރާއްޖެ މިހާރު ކުރިޔަށް މިދާ މިސްރާބުން އެންމެ ހިނދުކޮޅަކަށްވެސް ކަސިޔާރުވެގެންދާކަށް އެއްވެސް ރައްޔިތަކު ބޭނުންނުވާކަމަށް ސަލީމު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އޮތް ބިރުވެރިކަން މިހާރު މާޒީއާއެކުވެ ހިނގައްޖެކަމަށެވެ. އަދި އެދުވަސް އަލުން ދެކެން ބޭނުންވާ އެއްވެސް ރައްޔިތަކު ނެތްކަމަށް ސަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު އެއްވެސް ރައްޔިތަކަށް ނުތަނަވަސްކަމެއް ނެތްކަމަށާއި އެއްވެސް ޕާޓީއެއްގެ އެއްވެސް މެމްބަރަކަށް މިއަދު ބިރުވެރިކަމެއް ނެތްކަމަށް ރޭގެ ޖަލްސާގައި ސަލީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު