ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އެޕާޓީގެ ލީޑަރުކަމުގައި މިހާރުވެސް ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.

މިމަހުގެ 24 އަދި 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޭޕީގެ ހަތަރުވަނަ ގައުމީ ޖަލްސާގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޕާޓީގެ އައު ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުންވެސް ޤައުމީ ޖަލްސާގައި އޮންނާނެއެވެ.

ޖޭޕީގެ ލީޑަރުކަމުގެ މަޤާމަށް ޤާސިމް ކުރިމަތި ލައްވާފައިވާއިރު އެޕާޓީގެ 5 ނައިބު ލީޑަރުންގެ މަޤާމަށް ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް 15 ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ފަސް މެންބަރުންނާއި އަންހެނުން ގޮފީގެ ފަސް މެންބަރުންނާއި އިތުރު 25 ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2023 ގެ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން ގެންދާއިރު އިންތިޚާބުގައި ޖޭޕީގެ ބައިވެރިވުން އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ގޮތެއް ކަނޑައަޅާނީ ކުރިއަށްއޮތް ޤައުމީ ޖަލްސާގައި އިންތިޚާބުކުރާ ޕާޓީގެ ކައުންސިލްގެ މެމްބަރުންނެވެ.

ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓްރިއަރިން ކޮމެޓީއެއް މިހާރުވަނީ އުފައްދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޮޑު ސިޔާސީ ޕާޓީއެެެވެ.



ކިޔުންތެރިންގެ ހިޔާލު