ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ.

ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް މިއަދު ވިދާޅުވީ އެޕާޓީގެ ނައިބު ލީޑަރުގެ 5 މަޤާމަށް ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ނަހުލާއާއެކު ގިނަ ޢަދަދެއްގެ ބޭފުޅުން އެ މަޤާމަށް ކުރިމަތިލައްވާފައިވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

މިމަހުގެ 24 އަދި 25 ގައި ބާއްވާ ޖޭޕީގެ ޤައުމީ ޖަލްސާގައި އެ ޕާޓީގެ އައު ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު ޕާޓީގެ ލީޑަރުގެ މަޤާމަށް އެޕާޓީގެ ލީޑަރުކަމުގައި މިހާރުވެސް ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ކުރިމަތި ލައްވާފައެވެ.

ޖޭޕީގެ ކައުންސިލްގެ މަގާމުތަކަށް ވާދަކުރެއްވުމުގެ ސުންގަޑި މިއަދު މެންދުރު 12:00އަށް ވަނީ ހަމަވެފައެވެ. އެގޮތުން 15 އާ ގާތްކުރާ އަދަދަކަށް ބޭފުޅުން ވަނީ ނައިބު ލީޑަރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ޖަލްސާގައި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ފަސް މެންބަރުންނާއި އަންހެނުން ގޮފީގެ ފަސް މެންބަރުންނާއި އިތުރު 25 ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2023 ގެ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން ގެންދާއިރު އިންތިޚާބުގައި ޖޭޕީގެ ބައިވެރިވުން އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ގޮތެއް ކަނޑައަޅާނީ ކުރިއަށްއޮތް ޤައުމީ ޖަލްސާގައި އިންތިޚާބުކުރާ ޕާޓީގެ ކައުންސިލްގެ މެމްބަރުންނެވެ.

ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓްރިއަރިން ކޮމެޓީއެއް މިހާރުވަނީ އުފައްދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޮޑު ސިޔާސީ ޕާޓީއެެެވެ.



ކިޔުންތެރިންގެ ހިޔާލު