ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލައި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަތީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޙުސައިންގެ ކުއްލި މައްސަލާގައި ބުނެފައިވަނީ، ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ދިވެއްސަކު ބޭރު ގައުމެއްގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކު ޖައްސަވާފައިވާ ކަމަށެވެ. އަދި ދިވެހި ދަރިޔަކާމެދު ދިފާޢީ ވަޒީރު ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސްމަގު ބަލައިނުގަނެވޭކަމަށް މައްސަލާގައިވެއެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައިވެސް ގައުމު ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބޭ ބައެއްކަމަށް މައްސަލާގައި ބުނެފައިވެއެވެ. އަދި އެފަދަ ބައެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ވާންޖެހޭނީ ވަކި ގައުމެއް ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ނުކުރާނެ މީހަކަށް ކަމަށް ޙުސައިން ވަނީ ބުނެފައެވެ.

އެހެންކަމުން ދިވެހި ސިފައިންގެ ވެޓަރަންއަކަށް މަލާމާތްކޮށް ޖޯކު ޖައްސަވައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށް ގޮވާލައި، އެފަދަ މަގާމެއްގައި ހުންނަވައި ދެއްކި ވާހަކަތަކާއި ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ހުސައިން ހުށައެޅުއްވި މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙުސައިން ހުށައެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އިންޑިއާގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކުރުމާއި ގުޅޭގޮތުން ހިނގި ކަންކަމަށް އިޝާރާތްކުރައްވައި ވަރަށް ބޮޑަށް އެކަން ދިފާކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމަނާ އެވާހަކަ ދެއްކެވި މަލާމާތުގެ ރާގެއްގައެވެ.

މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މާރިޔާއަށް ފާޑު ކިޔަމުންނެވެ. އެގޮތުން ދިވެއްސަކަށް ބޭރު ޤައުމެއްގައި ދެރަ ގޮތެއްދިމާވުމުން އެކަމަށް ހަޖޫ ޖަހައި، ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު