އަންނަ ރިޔާސީ އިންތިޚާބަށް ކޯލިޝަން އެކުލަވާލުމަށް ގޮތެއް ނިންމުމުގެ ކުރިން އެމްއާރުއެމްގެ ލީޑަރ ރައީސް މައުމޫނާއި ރައީސް ޞާލިޙް މަޝްވަރާ ކުރަށްވަން ހަމަޖެހިފައިވާ ކަމަށް އެމްއާރުއެމުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަނެއް އެކުލަވާލުމަށް ރައީސް ޞާލިޙް ވަނީ ކޯލިޝަން ޕާޓީތަކަށް ދަޢުވަތު އަރުވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓަށްވެސް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެމްއާރުއެމުން ބުނީ މިސަރުކާރުގެ ކޯލިޝަންގައި އެމްއާރްއެމަށް ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާމެދު، ރައީސް މައުމޫން ރާއްޖެއަށް އެނބުރި ވަޑައިގަތުމުން ރައީސް ޞާލިޙާއި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ކޯލިޝަން ހެދުމާމެދު ވަކިގޮތެއް ނިންމާނީ އޭގެ ފަހުންކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގަ އެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ރައީސް ޞާލިޙާއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ދިއުމަށް މިހާތަނަށް ނިންމާފައިވަނީ ޢަދާލަތު ޕާޓީންނެވެ. ޖުމްހޫރީ ޕާޓީން އެކަމުގައި ވަކިގޮތެއް ނިންމާނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޤައުމީ ޖަލްސާ ނިމުމުންނެވެ.

އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން އެކުލަވާލުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭ އާއި މަޝްވަރާކޮށްފައެވެ. އެކަމާމެދު އެޕާޓީން ނިންމާގޮތެއް މިއަދު ހަވީރު ބާއްވާ އެޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު އެނގިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު