ފްލޯޓިންގ ސިޓީ މަޝްރޫޢަކީ ޖަރީމާއެއް ކަމަށާއި އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ތަހުޤީީޤު ފަށަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފްލޯޓިން ސިޓީ ގާއިމްކުރުމުގެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. އެހެން ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހު ކަމާގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢުގެ ދިވެހި ކޮންސަލްޓަންޓް އިބްރާހީމް ރިޔާޒް ވަނީ ފްލޯޓިންގ ސިޓީގެ ނަމޫނާ ގެއެއްގެ ފޮޓޯ ޓްވީޓްގައި ހިއްސާ ކުރައްވާފައެވެ. އަދި އެގެ މިހާރު ވަނީ މާލެކައިރީ ފަޅެއްގެތެރޭގައި ދައްކާލުމަށް ބަހައްޓާފައެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، 1.4 ބިލިއަން ރުފިޔާގެ އަގުހުރި ފަޅެއް 4.6 މިލިއަން ރުފިޔާއަށް ބަޔަކަށް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ހެދިފައިހުރި އެގްރިމެންޓުތައް ބަލައި ތަޙުޤީޤު ކުރުމަށް ޝަރީފްވަނީ ގޮވާލައްވާފައެވެ.



މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.

އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައްވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު