އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އެޕާޓީ ފުނޑާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުالله ސަނީފް ވިދާޅުވެއްޖެއެވެ.

މެންބަރު ސަނީފް މިމޭރުމުން ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީއާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތްކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ސަނީފް ވިދާޅުވީ މީގެކުރިން ޑިމޮކްރަސީ ހިފައިގެން ދުވި މީހުންގެ ކިބައިގައި ބަލި ޤަބޫލުކުރުމުގެ ހިތްވަރު ނެތްކަމަށެވެ. އެގޮތުން އެމްޑީޕީގެ ރައީސް މިއަދު ވަނީ ޚުދުމުހުތާރުވެ މުޅި ޕާޓީ ފުނޑާލުމަށް މަސައްކަތް ފަށާފައިކަމަށް ސަންނަ ތުހުމަތު ކުރެއްވިއެވެ.

“އެމްޑީޕީގެ ރައީސް ކަމުގައި ހުރެ އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތޭ ބުނީމާ އަހާލަން ބޭނުމީ ތީ ކޮންކަހަލަ ޑިމޮކްރަސީއެއްހޭ.” މެންބަރު ސަނީފް ވިދާޅުވިއެވެ.



ރައީސް ނަޝީދު ގެންގުޅުއްވާ އަނެއް ދިވެހިރާއްޖެ ޓްވިޓާ އެކައުންޓުން އިއްޔެ ހެނދުނު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. އޭގެ އިތުރުން ރައީސް ޞާލިޙާއެކު ކުރާނެ ސިޔާސީ މަސައްކަތެއްވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް ރައީސް ނަޝީދާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު