ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި، ވޯޓު ލުމަކާ ނުލާ މަގާމަށް އިންތިޚާބުވި ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ މި ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފައިވަނީ، ދަރުބާރުގޭގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގެ ދެވަނަ ދުވަހުގެ ފުރަތަމަ ދަންފަޅީގައި، ކޮންފަރެންސްގެ އިންތިޚާބީ ކޮމިޓީން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން، ޕާޓީގެ އިންތިޚާބީ މަގާމުތަކަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފިނަމަ، ވޯޓުލުމަކާ ނުލައި އެ ކެންޑިޑޭޓަކު މަގާމަށް އިންތިޚާބުވާނެއެވެ.

އެގޮތުން ޕާޓީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް އަދި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދު ވަނީ އިންތިހާބުކޮށްފައެވެ.

މި މަގާމުތަކުގެ އިތުރުން މި ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިހާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަންކަންވެސް ކުރިޔަށްދާނީ މިއަދުއެވެ.

އިއްޔެ ފެށިގެންދިޔަ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގެ ދެ ދަންފަޅީގެ ރަސްމީ ބައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވި ތިންވަނަ ދަންފަޅިއަށް ފެށިފައިވާއިރު މިއީ ޖުމްހޫރީ ޕާޓީގެ ހަޔާތުގައިވެސް ބޭއްވިގެންދާ އެންމެ ވަރުގަދަ ގައުމީ ކޮންފަރެންސް ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު