ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ހިމެނޭގޮތުން 5 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާ ވަނީ ބޮޑު ތަފާތަކުން އެންމެގިނަ ވޯޓު ލިބުނު ކެންޑިޑޭޓުގެ ގޮތުގައި މަޤާމަށް އިންތިޚާބުވެފައެވެ. ނަހުލާ ވަނީ ޖުމްލަ 558 ވޯޓު ހޯއްދަވާފައެވެ.

ނަހުލާގެ އިތުރުން ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް އިންތިޚާބުވި ހަތަރު ބޭފުޅުންނަކީ ކުރިންވެސް ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމާއި ނިމިދިޔަ ދައުރުގައި ޖޭޕީގެ ނައިބު ރައީސްގެ މަގާމުގައި ފުރުއްވި އަހުމަދު ސައުދާއި ފެނަކައިގެ ކުރީގެ ޗެއާމަން އަލްއުސްތާޛު އިގުބާލު އާދަމްގެ އިތުރުން ކުރީގެ މަޖިލީސް މެންބަރު އަލީ ޝާހެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަމީނަށް 327 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައުދުވަނީ 275 ވޯޓު ހޯއްދަވާފައެވެ. މީގެ އިތުރުން އިގުބާލަށް 263 ވޯޓު ލިބިވަޑައިގެންނެވިއިރު ޝާހަށްވަނީ 277 ވޯޓު ލިބިވަޑައިގެންފައެވެ.

ޑެޕިއުޓީ ލީޑަރުގެ މަޤާމަށް ވާދަކުރެއްވި މިހާރުގެ ނައިބު ލީޑަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަންސް މުހައްމަދު އަހްމަދު (ހަނަފީ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އަދި އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހަމީދަށް ވަނީ އިންތިޚާބު ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. މި މަޤާމަށް 12 ބޭފުޅަކު ވާދަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ކުރިއަށްދިޔަ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުނެވެ. އޭގެތެރެއިން ވޯޓުލާފައިވަނީ 680 މެމްބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި، ޒުވާނުންގެ ލީގުގެ މެމްބަރުންނާއި، އަންހެނުންގެ ލީގުގެ މެމްބަރުންނާއި، ޕާޓީގެ ކައުންސިލަށް 25 މެމްބަރުން ހޮވުމަށް ވޯޓު ލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު