ބޮޑުމީހާ ކުރިޔަސް ކުޑަމީހާ ކުރިޔަސް ކުށްވާންވާނީ ކުށަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި, އޭނާ ދޫކޮށްލީ ބަންދުގައި އިތުރަށް ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބަންދުން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އިސްމީހެއްގެ ދަރިކަލުންނެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މަޖިލިސް މެންބަރެއްގެ ދަރިއަކަށް ވީނަމަވެސް މަސްތުވާތަކެތި ބޭނުންކޮށް އޭގެ މުޢާމަލާތްތަކުގައި ޝާމިލްވެފައިވެފައި ވަނިކޮށް އަދަބަށް ފިލަން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ޤައުމަކަށްވެސް އިޖުތިމާޢީ ޢަދުލުވެރިކަން ވަރަށް މުހިންމު ވާނެކަމަށް ޒައިދު ވިދާޅުވިއެވެ.

“ބޮޑު މީހާ ކުރިޔަސް، ކުޑަމީހާ ކުރިޔަސް ކުށްވާންވާނީ ކުށަށް! ރަނގަޅު ރަނގަޅަށް!” ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޝައިޚް ޒައިދު އިޝާރާތް ކުރަށްވާފައިވާ މަސްތުވާތަކެތީގެ މައްސަލާގައި އެމްޑީޕީގެ އިސްމީހެއްގެ ދަރިއަކު ހައްޔަރު ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގައެވެ. އެމައްސަލާގައި ހައްޔަރުކުރި ތިން މީހުން ކޯޓަށް ހާޒިރުކުރުމުން މައްސަލާގައި ހިމެނޭ ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖެހިއިރު، ދިވެހި ދެމީހުންގެ ބަންދަށް ކޯޓުން ދިނީ 3 ދުވަހެވެ.

ދިވެހި ދެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޟިރުކުރުމެއްނެތި ދޫކޮށްލާފައިވާތީ މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު