ރާއްޖޭގައި އެތައް ބޭންކެއް އޮޕަރޭޓްކުރަމުން ދާއިރު ހަމައެކަނި ބީއެމްއެލްގައި ހުންނަ ފައިސާ ގެއްލެންވީ ސަބަބާމެދު ނޮޅިރަވަމް ދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުالله (މޮސްތާ) ސުވާލު އުފައްދަވައިފިއެވެ.

ފަހަކަށްއައިސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލުން އިތުރުވެފައިވާތީ އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލާ ނަޝީދު މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފައެވެ.

މެމްބަރު ނަޝީދު ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މިހާރަކަށްއައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާކަމަށެވެ. އަދި މިފަދަ ކަންތައްތައް ކުރަމުންދަނީ ބޭންކުގައި ރައްކާކުރެވިފައި ހުންނަ އާންމުންގެ ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނުންނާއި އިންޓަނެޓުގެ މެދުވެރިކޮށްކަމަށް ކުއްލި މައްސަލާގައިވެއެވެ.

މިފަދަ މައްސަލަތައް އެހެން ބޭންކުތަކުގައި ކުރިމަތިނުވާކަމަށް ފާހަގަކޮށް މެންބަރު ނަޝީދުގެ މައްސަލައިގައި ބުނެފައިވަނީ މި ތުހުމަތުގެ އިނގިލިތައް އަމާޒު ވަނީ ބީއެމްއެލްއަށް އެކަނިކަމަށެވެ. އަދި ސްކޭމް ކޯލްތަކާއި، އިންޓަނެޓު ލިންކު މެދުވެރިކޮށް އިޔާދަނުކުރެވޭފަދަ ބޮޑެތި މާލީ ގެއްލުންތައްވެސް ލިބިގެންދަނީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އެކަނިކަމަށްވެސް މައްސަލާގައި ބުނެފައިވެއެވެ.

ނިކަމެތި ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ ބީއެމްއެލްގެ އަޅާލުން ކުޑަވުމުގެ ސަބަބުން ފަޅި ސިކުތެއްގެ ތެރޭގައި ގެއްލުން އާއްމުވެފައިވާ ކަމަށް ކުއްލި މައްސަލާގައިވެއެވެ. އަދި އެ މައްސަލަތައް ބީއެމްއެލްއާއި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅި ނަމަވެސް އެ ގެއްލުނު ފައިސާ ނުލިބޭކަން ނަޝީދު ފާހަގަ ކުރަށްވާފައިވެއެވެ.

މެންބަރު ނަޝީދު ވިދާޅުވީ އެކައުންޓުން ފައިސާ ގެއްލޭ މައްސަލަ ރިޕޯޓުކުރުމުގެ ސަބަބުންވެސް ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުން ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިފައިވާކަމަށްވެސް މެންބަރު ނަޝީދުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ބައެއްފަހަރު ބީއެމްއެލްގައި އޮންނަ ޤަވާއިދަކީ ޤުރުއާނަށްވުރެ މަތީ އެއްޗެއްހެން ހީވާފަހަރުވެސް އަންނަކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު ހުށައެޅުއްވި މިކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްވެފައިވަނީ ޖަލްސާގައި ވޯޓުދެއްވި 37 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޤަރާރު ބަލައިގަތުމާއި ދެކޮޅަށް ވޯޓުދެއްވާފައިވަނީ 4 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓުނުދެއްވާ 2 މެންބަރަކު ތިއްބެވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ތޮއިލާ

02-Mar-2023

އެއިީ ބޭންކުން އެކައުޓް ދަވާލިޔަސް މި ގައުމުގެ ކޯޓުން އެކަން ނުބެލޭނެތީ.