ޝައިޚް މުޙައްމަދު ޝިފާން. (ވ)
ޝައިޚް މުޙައްމަދު ޝިފާން. (ވ)
އިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ރާއްޖޭގެ މެޖޯރިޓީ ޢިލްމުވެރިން ނެތްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝައިޚް ޝިފާން މިމޭރުމުން ވިދާޅުވެފައިވަނީ “ޢިލްމުވެރިންގެ ގުޅުމުގެ” ނަމުގައި ހިންގާ ވައިބަރ ގްރޫޕެއްގައި ނެގި ވައިބަރ ޕޯލަކާއި ޙަވާލާދީ ޢަދާލަތު ޕާޓީން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ނިންމީ ރަނގަޅު ނޫން ނިންމުމެއްކަމަށް ދީނީ ޢިލްމުވެރިން އެއްބަސްވާކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ޝައިޚް ޝަފީޢު ޢަބްދުالله ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބީ ހަމައެކަނި ޢަދާލަތު ޕާޓީއާއި ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިން ނޫންކަމަށާއި އެއީ ނިސްބަތުން މަދު ޢިލްމުވެރީންކޮޅެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޢިލްމުވެރީންގެ 80 އިންސައްތަ ބޭފުޅުން ޢަދާލަތުގެ ނިންމުމާ ދެކޮޅުކަމަށް “އިލްމުވެރިންގެ ގުޅުމުގެ” ވައިބަރ ގްރޫޕްގައި ނެގި ޕޯލަކުން ސާބިތުވާކަމަށް ޝަފީޢު ވިދާޅުވިއެވެ.

ޝައިޚް ޝިފާނަށް ރައްދު ދެއްވަމުން “ޢިލްމުވެރިންގެ ގުޅުމުގެ” ނަމުގައި ހިންގަމުންދާ ވައިބަރ ގްރޫޕްގެ ޙަޤީޤަތް ހާމަކުރަށްވަމުން ޝައިޚް ޝިފާން ވިދާޅުވީ އެ ގްރޫޕްގައި ތިއްބަވަނީ 119 މެމްބަރުން ކަމަށެވެ. އޭގެ އިތުރުން އެގްރޫޕްގައި ނެގި ޕޯލްގައިވެސް ޢަދާލަތުގެ ނިންމުން ގޯސްކަމަށް ވޯޓް ދެއްވީ 53 ބޭފުޅުން ކަމަށާއި އެއީ ގްރޫޕްގެ ނިސްބަތުން 44 އިންސައްތަ ކަމަށް ޝައިޚް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ 119 ޢިލްމުވެރިންނަށް ވުރެ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ޢަދަދު 3 ގުނައަށް ވުރެވެސް އިތުރު ކަމަށެވެ.

“އެފަދަ ގްރޫޕެއްގައި ޕޯލެއް ނަގައި އެކަން ހުރިހާ ޢިލްމުވެރިންނަށް ނިސްބަތް ކުރުމީ ޢަދުލުވެެރި ނޫން ބުނުމެކެވެ.” ޝައިޚް ޝިފާން ވިދާޅުވިއެވެ.



މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޢަދާލަތު ޕާޓީން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ނިންމުމާ ގުޅިގެން އެކަމަށް ރާއްޖޭގެ ބައެއް ޢިލްމުވެރިން ފާޑުކިޔާފައިވާތީ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެފައިވަނީ ޢިލްމުވެރިންނަށް ރައްދު ދިނުމަކީ ޢަދާލަތުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އިއްޔެ ވިދާޅުވީ އަދާލަތުގެ އިލްމުވެރިން ތިއްބެވީ ސަލަފުގެ ބޭފުޅުންނަށް ރައްދު ނުދެއްވަން ނިންމަވައިގެން ކަމަށެވެ. އަދި އަދާލަތުން އެ ހަމަ ހިފަހައްޓާތާ އަހަރުތަކެއްވެއްޖެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ސަލަފު ޖަމްޢިއްޔާއާއި އަދާލަތާ ދެމެދުގައި ހުރި ތަފާތުތަކަކީ ދީނީ މައްސަލައެއްނަމަ އެކަން ހައްލުކުރަން ބޭނުން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ސިޔާސީ ކަމެއްނަމަ އެކަމަކީ ހަމަ ވަރަށް ނެޗުރަލް ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު