ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ އިލްހާމް އަޙްމަދު އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާ ބައްދަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން މީގެކުރިން ކުރަށްވާފައިވާ އިލްހާމް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއި ބައްދަލު ކުރަށްވާފައިވަނީ މަޖިލީހުގެ އިދާރާގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނިމިގެންދިޔަ ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އިލްހާމް ވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަނު ކުރަށްވާފައެވެ. ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން އިއްތިހާދުވުމުގެ މަޝްވަރާތައް މަޖިލީހުގެ އިދާރާގައި ކުރިއަށްދާ ކަމަށެވެ.



މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އެމްޑީޕީގެ މެންބަރުންނަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފް ވަނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިން މޭޓަކާއެކު އެމްޑީޕީއަށް ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް ޤާއިމުކުރުމަކީ ގޯސް ވިސްނުމެއްތޯ ސުވާލު ކުރަށްވާފައެވެ.

ޖުމުހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ޖަލްސާ ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ރައީސް ނަޝީދާ ނުލާ އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު