ސެންޓު ޖެހިޔަސް ރަށްފުށުގެ އަންހެނުންގެ ގައިން މީގެކުރިން މީރުވަސް ނުދުވާ ކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހުގެ ތަޅުމުގައި ކުރިން ދެއްކެވި ވާހަކަތައް އަލުން ބަދަލު ކުރަށްވައި އެވާހަކަތައް ތަރުޖަމާ ކޮށްދެއްވައިފިއެވެ.

މެމްބަރު ރާޝިދު މަޖިލީހުގެ ތަޅުމުގައި އިއްޔެ ވިދާޅުވީ، ޗަކަ ފެނުން ފެންވަރަށް ޖޭހޭތީ ރަށްފުށުގައި ދިރިއުޅޭ އަންހެނުން ކިތަންމެ އަގުބޮޑު ސެންޓެއް ޖެހިނަމަވެސް ގައިން މީރުވަސް ނުދުވާ ކަމަށެވެ. އެކަމާ ގުޅިގެން ރާޝިދަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ މީސް މީޑިއާގައި އޭނާ ހޫނު ފެނަށް ވެއްޓުނެވެ.

ރާޝިދު "ކުރިން ބުނި އެތި ކެންސަލް" ކުރަށްވައި ފަހުންވަނީ އެވާހަކަތައް ތަރުޖަމާ ކޮށްދެއްވާފައެވެ. އެގޮތުން ރާޝިދު ވިދާޅުވީ ޒަމާނުންސުރެ އަތޮޅުތެރޭ ރައްޔަތުން ބޭނުން ކުރަމުންދިޔަ ގުއި ފެނަށް ނިމުމެއްގެނެސް ސާފް ފެން ކަށަވަރު ކޮށްދެއްވީ މި ސަރުކާރުން ކަމަށެވެ. ހަމައެއާއެކު މިހާރު ސާފު ފެނުން ފެންވަރާތީ ރަށްފުށުގައި ތިބި ރީތި ލޯބި އަންހެން ކުދިންގެ މޫނުން ޗާލުކަން ފެންނަން ފަށައިފި ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

"އެހެންކަމުން ސެންޓްގެ އަސްލުވަސް މިހާރު ދުވާ!" ރާޝިދު ވިދާޅުވެފައިވެއެވެ.



އިއްޔެގެ ޖަލްސާގައި ރަށްފުށުގެ އަންހެނުންގެ ގައިން މީރުވަސް ނުދުވާ ކަމަށް ރާޝިދު ވިދާޅުވުމުން ބަހުސް ކުރަން އޭނާއަށް ދިން ފުރުސަތުވެސް މެދުކަނޑާލިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެގޮތަށް ވާހަކަފުޅު ކުރިއަށް ގެންދެވުމަށް ފުރުސަތު ނާރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު