އައްޑޫ އެއަރޕޯޓް މިހާރުވެސް އޮތީ ޕްރައިވަޓައިޒް ކޮށްފައި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި އައްޑޫ ސަރަޙައްދީ ބަނދަރު ޕްރައިވަޓައިޒްކުުރުމަށް ގޮވާލާ ޤަރާރުގެ ބަހުސްގައި އަސްލަމް މިއަދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އައްޑޫ އެއަރޕޯޓް ޕްރައިވަޓައިޒް ކޮށްފައިވާ ކަމަށާއި، އެކަމަށް އިތުރު ބަދަލެއް މިއަދާ ހަމައަށްވެސް އައިސްފައި ނެތްކަމަށެވެ. އެގޮތުން އެއަރޕޯޓުގައި ސަރުކާރުގެ ޙިއްސާއަކީ 70 އިންސައްތަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިއަދު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމަހުގެ 5 ވަނަ ދުވަހު ސޮއި ކުރާނެ ކަމަށެވެ. އަދި އެ ޙަފްލާއަށް ދަޢުވަތުވެސް ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 28.5 މިލިއަން ޑޮލަރު ކަމަށެވެ.

އައްޑޫގެ ބަނދަރުތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅާފައިވާއިރު، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކުރާ ޕްރޮޖެކްޓެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ދޫގަސްގައި 130 ކޮޓަރިއާއި 50 ކޮޓަރީގެ 2 ހޮޓާ އެޅުމަށް ބިޑްކުރެވި އެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުޙަލާ ކަމަށެވެ. އައްޑޫ ތަރައްޤީވާނީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވިގެން ކަމަށާއި މިސަރުކާރުން ވަނީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ޚާއްސަ އަގުތަކެއް ހަމަޖައްސަވާފައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ އައްޑޫގެ ތަރައްޤީއަށް އެންމެ އޯގަނައިޒްޑް މަސައްކަތްތަކެއް ކޮށްދެމުންދާ ސަރުކާރު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަޙްމަދު ރަޝީދު މަޖިލީހަށް ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ މިއީ އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށާއި، އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ވިސްނުމުގައި ހުށައަޅާ ޤަރާރެއް ކަމަށެވެ. އެގޮތުން އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުން ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނައުމަށް އައްޑޫގެ ބަނދަރުތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށް ޤަރާރުގައި ވެއެވެ.

އައްޑޫ ސިޓީ ހިމެނޭ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭގޮތަށް އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރެވޭނީ އައްޑޫ އެއަރޕޯޓާއި އައްޑޫ ސަރަޙައްދީ ބަނދަރު ތަރައްގީކޮށް ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުވާލެވިގެން ކަމަށް ޤަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން އައްޑޫ އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވެޓައިޒްކޮށްފި ނަމަ އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އަޙްމަދު ރަޝީދު ހުށައެޅުއްވި ޤަރާރުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު