މިފަހަރު މީ އެހެންމީހުން ރައީސުންނަށް ހަދައިދިން “އަސްލު ކިންގް” ގެ ފަހަރު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ޤާސިމް އިބްރާހިމް މިހާތަނަށް ވަކިގޮތެއް ނިންމަވާފައި ނުވިނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ގެންދަވަނީ މިފަހަރު މީ ޤާސިމްގެ ފަހަރުކަމަށް ވިދާޅުވެ ކެމްޕޭން ކުރަށްވަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަޙްމަދު ސައުދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ކަމަށެވެ. އެހެންކަމުން ރައްޔިތުން މިވަގުތު ތިބީ ޤާސިމަށް ވެރިކަން ހޯދައިދިނުމަށް ބުރަކޮށް މަސައްކަތް ކޮށްދިނުމަށް ތައްޔާރަށް ކަމަށް ސަޢުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ހެޔޮވެރިކަމެއް ޤާއިމުކުރުމަށްޓަކައި ރައްޔިތުންނަށް މިވަގުތު އޮތް ޗޮއިސް އަކީ ޤާސިމް ކަމަށެވެ. އަދި މިފަހަރަކީ މީގެކުރިން އެހެން މީހުން ރައީސުންނަށް ހަދައިދިން މީހާގެ ފަހަރު ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.



މި ސަރުކާރުގެ ކޯލިޝަންގައި މިވަގުތުއޮތް ޖުމްހޫރީ ޕާޓީން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ވަކިގޮތެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ. ނަމަވެސް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން އެޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންގްރެސްއަށް ހުށައެޅި ގަރާރު ޤައުމީ ކޮންފަރެންސްގައި ބައިވެރިވި މަންދޫބުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު