ނާކާމިޔާބީވުމަކީ އިރުއިރުކޮޅާ ތިމާ ހުންނަ ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވި ނާކާމިޔާބަށްފަހު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރެއްވުމާމެދު ވަކިގޮތެއް ނިންމަވާނީ ފަހުން ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެމަނިކުފާނު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ވަކި ގޮތްޕެއް އުފެއްދެވުމަށް މަސައްކަތް ކުރަށްވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުއްވާ ލައްވަމުން މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި ހެޔޮ ނަތީޖާ ނެރެވޭނީ، ދިގު މުއްދަތަކަށް އެއްގޮތަކަށް ދެމިހުރެގެން ކަމަށެވެ. އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވެފައި ވަނީ ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ތިމާ ހުންނަ ގޮތް ބަދަލު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ.

''ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮނަތީޖާ ނުނެރެވޭކަން ވަރަށް ސާފުކޮށް ދަނީ ފެންނަމުން''، އިމްރާން ވިދާޅުވެފަވެއެވެ.



މިހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް، އެމްޑީޕީއާއެކު އިއްތިހާދުވުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ޢަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން އިމްރާނަށް ރައްދުދެމުން މީސްމީޑިއާއަށް ޢާއްމުންގެ މީހަކު ދޫކޮށްލި ޚިޔާލެއްގައި ބުނެފައިވަނީ ޢަދާލަތުގެ ލޮޖިކަކީ ލޮޖިކެއް ނެތުން ކަމަށެވެ.

“2008 ގައި ވަތަން އެދޭ އިއްތިހާދު ރަނގަޅު ވެފައި، 2012 ގައި 23 ޑިސެމްބަރު އިއްތިހާދު ރަނގަޅުވެފައި، 2013 ގައި ޕީޕީއެމް އިއްތިހާދު ރަނގަޅުވެފައި، 2018 ގައި ޖަޒީރާ ރާއްޖެ އިއްތިހާދު ރަނގަޅުވީމަ، އެއީ ދެގޮތެއް ވުމެއް ނޫން. އެއީ އެއްގޮތްވުން.” އިމްރާނުގެ ވާހަކަތަކަށް ފާޑުކިޔަމުން ޢާއްމުންގެ މީހަކު ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 9 ގައެވެ.



ކިޔުންތެރިންގެ ހިޔާލު