ވެންޓިލޭޓަރު ޚިޔާނާތުގައި ދަޢުލަތުގެ މާލީ ވުޒާރާގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން އަންގާފައިނުވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ކޮވިޑް-19 ގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާރސް އަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ޤާނޫނާ ޚިލާފަށް ދޫކުރި މައްސަލާގަައި މާލީ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވާނަމަ އެކަން ސާފުކޮށްދެއްވުމަށް މާލީ ވަޒީރު އިބްރާހިމް އަމީރުގެ އަރިހުން އެދިފައެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ވެންޓިލޭޓަރުގެ ހިޔާނާތާއި ގުޅިގެން އޮޑިޓް އޮފީހުން 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ޝާއިއުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި މާލީ ވުޒާރާއިން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައި ނެތް ކަމަށެވެ. ހަމައެއާއެކު އެމައްސަލައާ ގުޅިގެން މާލީ ވުޒާރާގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން އަންގާފައިނުވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ދަޢުލަތުގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި 2020 ވަނަ އަހަރުގެ މެއި މަހުގެ 03 ވަނަ ދުވަހު މާލީ ވުޒާރާއިން ސަރކިއުލަރ އެއް ނެރެފައިވާނެ ކަމަށެވެ. ހަމައެއާއެކު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެވިފައިވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ހަމައެއާއެކު ގެއްލުމުގެ ބަދަލު ހޯދުމަށް ސަރުކާރުން މިހާރު ވަނީ އެއްބަސްވުމާއި އެއްގޮތަށް ވެންޓިލޭޓަރު ނުލިބުނު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދޫކޮށްފައި ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ސަރުކާރުން މިހާރު ވަނީ ބާތިލްކޮށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން