އިންތިޚާބެއްގެ ވޯޓުލުން ވޯޓުލާ މަރުކަޒެއްގައި ކުރިއަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ވޯޓުލާ މަރުކަޒެއްގައި ކުރިއަށްދަނީ
ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ މެޖޯރިޓީ ރައްޔިތުން ވާދަވެރި ސިޔާސީ ޕާޓީގެ ނިޒާމު ބަލައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު އާންމު ކުރެއްވި ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި ވޯޓުލެވޭ އާބާދީގެ 58 އިންސައްތަ މީހުން ވަނީ ސިޔާސީ ޕާޓީތަކާ ގުޅިފައެވެ. އެއީ 162935 މީހުނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 283272 މީހުނަށެވެ. އޭގެ ތެރެއިން ޕާޓީއަކާ ނުގުޅި ތިބީ 42 އިންސައްތަ މީހުންނެވެ.

ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ އެމްޑީޕީގައެވެ. އެޕާޓީގައި 57660 މެމްބަރުން އެބަތިއްބެވެ. ދެވަނާގައިއޮތް އިދިކޮޅު ޕީޕީއެމްގައި ތިބީ 38704 މެމްބަރުންނެވެ. ތިންވަނައިގައި އޮތް ޖޭޕީގައި ތިބީ 22607 މެމްބަރުންނެވެ.

ހަމަ އެއާއެކު 10000 މެމްބަރުން ހަމަނުވާ 7 ޕާޓީއެއްވެސް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެބައޮތެވެ.



އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށެވެ. އެ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިޚާބުގައި ވާދަކުރުމަށް ގިނަ ޢަދަދެއްގެ ބޭފުޅުން މިހާރުވެސްވަނީ ޝައުޤުވެރިކަން ފާޅުކުރަށްވައި ކެމްޕޭންވެސް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު