މާލީ އިދާރާތަކުން ރާއްޖެއަށްކުރާ އިތުބާރު ނަގާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތްކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިއަދު ވިދާޅުވީ ބައެއް މެންބަރުން ރާއްޖޭގެ މާލީ ފުދުންތެރިކަމާ މެދުގައި ފާޅުކުރަށްވަމުންދަނީ ބިނާކުރަނިވި ޚިޔާލުތަކެއް ކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން ފާޅުކުރާ ބައެއް ޚިޔާލުތަކަކީ ރާއްޖެ ބަނގުރޫޓު ކުރުމުގެ ވިސްނުމުގައި ފާޅުކުރާ ޚިޔާލުތަކެއް ކަމަށް ޝަރީފް ވިދާޅިުވިއެވެ.

ރާއްޖޭގެ ދަރަނިތައް ސަރުކާރުން ބަރާބަރަށް ދައްކަމުން ގެންދާކަން ފާހަގަ ކުރަށްވަމުން މެންބަރު ޝަރީފް ވިދާޅުވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުالله ފަދަ ބައެއް މެންބަރުން ކުރަށްވާ މަސައްކަތަކީ ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވާލުމަށްޓަކައި ފައިސާލިބެންހުރި ދޮރުތައް ބަންދު ކުރުން ކަމަށެވެ.

“ބައެއް މެންބަރުން މިކުރާ މަސައްކަތަކީ މާލީ އިދާރާތަކުން ރާއްޖެއަށް އޮންނަ އިތުބާރު ގެއްލުވާލާ މަޝްރޫޢުތައް ހިންގަން ބޭރުން ފައިނޭންސް ކުރުން ހުއްޓުވާލެވޭތޯ ހިންގާ ވަރަށް ނުރައްކާތެރި ޙަރަކާތެއް.” ޝަރީފް ވިދާޅުވެފައިވެއެވެ.



ޝަރީފް އިތުރަށް ވިދާޅުވީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފަންޑް ހޯދުމަށް ހުރަސް އެޅުމުގެ ގެއްލުން ވާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން އެފަދަ ގޮތަކަށް މެންބަރުންގެ ޢަމަލުތައް ނުބެހެއްޓެވުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

ހަމައެއާއެކު މިހާރު ޤައުމުގެ އިޤްތިޞާދު ކުރިއަށްދާ ދުވެލީގައި ހިފަހައްޓާލެވިއްޖެނަމަ، އަދި ސަރުކާރުން ކުރިއަށްގެންދާ އުފެއްދުންތެރިކަން ފުޅާކުރުމުގެ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނަމަ، ރާއްޖޭގެ އިޤްތިޞާދު ދެގުނަވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވާ މިންވަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރަނގަޅަށް އެނިގިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޒުވަމުންދާނަމަ، ކުރިއަށް އޮތީ ފާގަތި ދުވަސްތަކެއްކަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު