ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސްމީހުންނަށް ދޫނުދެއްވާނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ގޭންގްތަކާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ ކުށްތަކުގައި ބައިވެރިވާ މީހުންގެ އަދަބު ލުއި ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއްނޫން ކަމަށެވެ.

އިމްރާން މިއަދު ވިދާޅުވީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކުގައި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މީހަކާ އަރާ ހަމަކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" އިމްރާން ވިދާޅުވިއެވެ.

ގޭންގްތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ ތިރިނުވާނެކަން ފާހަގަކުރަށްވަމުން އިމްރާން ވިދާޅުވީ ގޭންގުތަކާ އަރާ ހަމަކުރުމަށްޓަކައި ފުލުހުންގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު