އާރިފް (ކ) އެމްއެންޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު
އާރިފް (ކ) އެމްއެންޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު
ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި އަލީ އާރިފް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ، ގުޅި އަދި މާފުއްޓެވެ.

އާރިފަށް އެމްއެންޕީގެ ޓިކެޓް ލިބިފައިވަނީ އިންތިޚާބުގެ ޕްރައިމަރީއަށް ހުޅުވާލުމުން އޭނަ އެކަނި ކުރިމަތިލާފައިވާތީ ކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ. އެމްއެންޕީން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކެނޑިޑޭޓަކު ހަމަޖައްސާފައިވާއިރު، ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީ އާއި ޕީޕީއެމުން ވަނީ ހުޅުވާލާފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފަ އެވެ. ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު