ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާއިންކަމަށެވެ.

މި މަޝްރޫޢުގެ ކޮންސަލްޓަންސީ ފާމުން ކުރަންޖެހޭ މަސައްކަތްތަކަކީ، ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމާއި ކޮންޓްރެކްޓަރގެ މަސައްކަތް ސުޕަރވައިޒް ކުރުމެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ.

ސަރުކާރުން މިހާރުވެސް މާލެ ސަރަޙައްދުގައި 6000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެއިތުރުން މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު