އަހުމަދު ޝާހް   9 މާރިޗު 2023 - 1:32
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން މިއަދު ސަން އައިލެންޑް ރިސޯޓުގައި ބައްދަލު ކުރަށްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކުރަށްވާފައެއް ނުވެއެވެ. ޖޭޕީ އާއި އެމްއާރުއެމަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިންނެވެ.

ޤާސިމާއި ފާރިސް ބައްދަލު ކުރަށްވާފައިވާއިރު އަންނަ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރެއްވުމުގެ އިޚްތިޔާރާއި ބާރު އެޕާޓީގެ ކައުންސިލުން މިހާރު ވަނީ ޤާސިމަށް އަރުވާފައެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރެއްވުމަށް އެޕާޓީގެ ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ.

ޤާސިމްގެ އެޑްވައިޒަރ އިލްހާމް އަޙްމަދު މިއަދު ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީސްގޭގައި ބައްދަލު ކުރަށްވާފައެވެ. ރިޔާސީ އިންތިޚާބުގައި ތާޢީދު ކުރަށްވާނެ ކެނޑިޑޭޓެއް ރައީސް ނަޝީދުވެސް މިހާތަނަށް ނިންމަވާފައެއް ނުވެއެވެ. އެމަނިކުފާނު ދަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި އިތުރު ސިޔާސީ ޙަރަކާތެއް ހިންގަވަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު