މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫ ފިހިޔާގެ
މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫ ފިހިޔާގެ
ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

2020 ވަނަ އަހަރުގެ މާރިޗް 22 ގައި ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މިމައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ، ލ. ގަން ތުނޑި، ކަޅައިދޫ ފިނިހިޔާގެ, މޫސާ އިނާސް މޫސާ އިނާސް އާއި ލ. ގަން ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ.

ލޯންޗު ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވެއެވެ. މިދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެއްވަމުން އެ މައްސަލަ ތަހުގީގު ކުރެއްވި ފުލުސް އޮފިސަރު އިސްމާއީލް ވިރުދާން ވިދާޅުވީ، ލ. ގަމުގެ ތުނޑި އަވަށުގެ ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ލޯންޗެއްގައި ރޯކޮށްލީ އޭނާ ކަމަށް އެ ރަށު ކަޅައިދޫފިނިހިޔާގެ, މޫސާ އިނާސް ބުނެފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ފަރާތުން ވަނީ ޓެލެގްރާމް އެކައުންޓަކުން ދެ މީހެއްގެ ދެމެދުގައި ދައްކާފައިހުރި ވާހަކަތަކެއް ދިވެހި ފުލުހުންނާ ޙިއްސާކޮށްފައި ކަމަށް ފުލުސް އޮފިސަރ ވިދާޅުވިއެވެ.

އެގޮތުން ޕޮލިސް ލޯންޗްގައި ރޯކޮށްލި ކަމަށް ބުނި އައިޑީ ކްރިއޭޓް ކޮށްފައިވަނީ މޫސާ އިނާސްގެ ނަމުގައި ނަގާފައިވާ ނަންބަރަކުން ކަމަށާއި، އެ އެކައުންޓުން މޫސާ އިނާސްގެ ޢާއިލީ ފޮޓޯތަކެއްވެސް ހިއްސާ ކޮށްފައިވާ ކަމަށް ވިރުދާން ވިދާޅުވިއެވެ. އޭގެ އިތުރުން އެނަންބަރުގެ ސިމް މޫސާ އިނާސް ހައްޔަރުކުރި ވަގުތު އޭނާ އަތުގައި އޮތް ފޯނުގައި އޮތް ކަމަށް ވެސް ވިރުދާން ވިދާޅުވިއެވެ.

"މޫސާ އިނާސް އެހެން މީހެއް ކައިރީގައި ބުނެފައިވަނީ ލ. އަތޮޅު ލޯންޗްގައި ރޯކޮށްލީ ތިމަންނައޭ. ތިމަންނަމެން ހިންގި މިޝަންއެކޭ އެއީ. އަދި އޭގެ އިތުރު މިޝަންއެއް އެބައޮތޭ." ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ އެ މިޝަން ހިންގިގޮތުގެ ތަފްސީލް ޗެޓު ލޮގްގައި ބުނެދީފައި ނުވާކަމަށާއި، ނަމަވެސް ފުލުހުންގެ ތަހުގީގުން ހޯދިފައިވާ ގޮތުން ލޯންޗުގައި ރޯކޮށްލާފައިވަނީ ލޯންޗް އައްސާފައި އޮތް ވާގަނޑު ކަނޑާލައިގެން ދުރަށް ގެންގޮސް ފުޅިއަކަށް ޕެޓްރޯލް އަޅައި އޭގައި ރޯކޮށްގެން ކަމަށެވެ.

ދައުލަތުން ހުށަހެޅި އިންވެސްޓިގޭޝަން އޮފިސަރުގެ ހެކި ބަހަށްފަހު މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވި މިހާ ހިސާބުން ދައުލަތުންގެ ހުރިހާ ހެކިންގެ ހެކިބަސް ނަންގަވައި ނިމުނީ ކަމަށެވެ.

އިނާސް އާއި އަބްދުއްލަތީފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުންތަކަކާއި ވީޑިއޯ އެމީހުން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ހާޑް ޑިސްކަކުން ފެނިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޢެ ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ، ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ ކަމަށެވެ.

މީގެއިތުރުން، ކޯޓު އަމުރެއްގެ ދަށުން، އަބްދުއްލަތީފްގެ ގެ ބަލާ ފާސްކުރިއިރު، ފެނުނު ހާޑް ޑިސްކެއް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.

މޫސާ އިނާސް އާއި އަބްދުއްލަތީފް އިބްރާހީމް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައިގައި ވެސް ދައުވާ ކުރި ދެ މީހުންނެވެ. އޭގެތެރެއިން މޫސާ އިނާސް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށްލި މީހެކެވެ. 2009 ވަނަ އަހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ފިލައިގެން ފަތާފައި ހުޅުމާލެއަށް އަރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އިނާސް ވަނީ ސަލްޓަން ޕާކް މައްސަލައިގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފަ އެވެ. ފަހުން މައާފު ދިނުމަށް ފަހު އޭނާ ޖަލުން ދޫކޮށްލީ އެވެ.

އަބްދުއްލަތީފަކީ ސަލްޓަން ޕާކުގައި ބޮން ގޮއްވާލުމަށް ފަހު ރާއްޖެއިން ފިލި މީހެކެވެ. އެ މައްސަލައިގައި އަބްދުއްލަތީފް ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އޭނާ ޕާކިސްޓާނުން ރާއްޖެ އައިސް އެއާޕޯޓުގައި ހުއްޓަ އެވެ. ލޯންޗުގައި ރޯކޮށްލި މައްސަލައިގެ ހެކި ނައްތާލާފައިވާތީ މައްސަލައިގެ ތުހުމަތު ކުރެވޭ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، އޭނާ އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން