ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާ ޖަރުމަނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާ، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުން ތިންބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދެބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލްއާ، އޮނަރަރީ ކޮންސުލްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާ، އޮނަރަރީ ކޮންސުލް ޖެެނެރަލް އަދި އޮނަރަރީ ކޮންސުލް ބޭއްވެވި މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން އަރުވަމުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ.



ކިޔުންތެރިންގެ ހިޔާލު