ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ، ގުޅި އަދި މާފުއްޓެވެ.

އެމްޓީޑީން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރުމަށް އެމްޓީޑީން ނިންމާފައިވާއިރު ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓުން ޕީޕީއެމާއި އެމްއެންޕީން ވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްގެ ފަރާތުން މަރުޙޫމް ރިޟާގެ ކޮއްކޮ ހުސައިން ރިޟާ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެމްއެންޕީން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އާރިފެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު