ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް އިބްރާހިމް ޝާޒް ކަށަވަރު ކުރަށްވައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ އާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށުގައިވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ގުރައިދޫ، މާފުށި އަދި ގުޅި އެވެ.

ޕްރައިމަރީގައި ވޯޓް ލުމަށް، 844 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު، ވޯޓް ދީފައިވަނީ 590 މީހުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ޝާޒަށް 311 ވޯޓު ލިބިފައިވާއިރު އޭނާއާއި ވާދަކުރެއްވީ އަބްދުﷲ ސައީދަށް ލިބުނީ 15 ވޯޓެވެ. އޭގެ އިތުރުން މުހައްމަދު މުސްތަފާ 66 ވޯޓު އަދި ސަލްމާން ރަޝީދު 190 ވޯޓު ހޯއްދެވިއެވެ.

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓުން ޕީޕީއެމާއި އެމްއެންޕީން ވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްގެ ފަރާތުން މަރުޙޫމް ރިޟާގެ ކޮއްކޮ ހުސައިން ރިޟާ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެމްއެންޕީން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އާރިފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު