ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އެމްޓީޑީގެ ޓިކެޓް ހޯދުމަށް ތިން ފަރާތަކުން ހުށައަޅާފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން މިއަދު ބުނީ ގުރައިދޫ ދާއިރާގެ އެޕާޓީގެ ޕްރައިމަރީއަށް ހުޅުވާލުމުން 3 ފަރާތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެމްޓީޑީން ބުނީ އެޕާޓީގެ ޓިކެޓަށް އެދި ހުށައެޅީ ކ. މާފުއްޓަށް ނިސްބަތްވާ 3 ޒުވާނުން ކަމަށާއި އެމީހުންގެ ޤާނޫނީ ފޯމުތައް ފުރިހަމަ ކުރުމަށްފަހު ޕާޓީއަށް ހުށައެޅުމަށް މިހާރު އަންގާފައިވާ ކަމަށެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ގުރައިދޫ، މާފުށި އަދި ގުޅި އެވެ.



ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓުން އެމްޑީޕީއާއި ޕީޕީއެމާއި އެމްއެންޕީން މިހާރު ވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްގެ ފަރާތުން މަރުޙޫމް ރިޟާގެ ކޮއްކޮ ހުސައިން ރިޟާ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެމްޑީޕީން ކަނޑައަޅާފައިވަނީ އެމްޑީޕީގެ ގުރައިދޫ ދާއިރާގެ ރައީސް އިބްރާހިމް ޝާޒް އެވެ. އަދި އެމްއެންޕީން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އާރިފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު