ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 17 މީހަކު ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ދާއިރާ ރައީސުންވެސް ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތުގެ ތެރެއިން ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ. އެ ޙުކުމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ވަގުތީގޮތުން ބަންދުވެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އިސްތިއުނާފް ފޯމްގައި ހުރި މައްސަލަތަކެއް ފާހަގަކޮށް އެކަންތައްތައް އިސްލާޙު ކުރުމަށް ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފައެވެ.

މިހާރުވެސް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު