ވެރިކަމަށް ކުރިމަތިލެއްވުމަށް ޙާލަތު މަޖުބޫރު ކޮށްފިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަޢުލަތުގެ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތި ލެއްވުމަށް ޙާލަތު މަޖުބޫރު ކުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވާ ގޮތާއި ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތް ގޮތް ހިމެނޭކަމަށެވެ.

ޑރ. މުނައްވަރު ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންތިޚާބަށް ދެތިންމަހަށް ވުމުން ދެއްވާ މުސާރައިގެ ކުރިއެރުމާއި ވަޒީފާތަކަކީ ރިޝްވަތުކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ހަމައެއާއެކު ރައީސް ކުރަށްވާ ދަތުރުފުޅުތަކުން ޕޮޒިޓިވް ނަތީޖާއެއް ނުފެންނަ ކަމަށާއި ޤައުމުގެ މިސްރާބު ހުރީ ރަނގަޅު މިސްރާބަށް ނޫން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު މިއަދު ވިދާޅުވީ އެބޭފުޅާއަކީ ވަކި މީހެއްގެ އެޖެންޓެއް ނޫން ކަމަށާއި ވެރިކަމަށް ކުރިމަތިލެއްވުމަށް އެއްވެސް ސިޔާސީ ލީޑަރަކާ މަޝްވަރާ ކުރަށްވާފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީ ތެރޭގައި ރައީސް ނަޝީދާއެކު އައްޑުއަށް ވަޑައިގަންނަވަން ދިމާވީ އިއްތިފާޤުން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

“އިނަފް އިޒް އިނަފް. އެއީ އަޅުގަނޑުމެން ތެދުވަން ޖެހުނު ސަބަބަކީ.” ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު މިއަދު ވިދާޅުވީ އެބޭފުޅާ ހުރިހާވެސް މަދަދެއް އެެދެނީ މާތްރަސްކަލާނގެ ކިބަފުޅުން އެކަނި ކަމަށާއި ރިޓަޔަރމަންޓްގައި ގޭގައި އޮތުމަކީ އެމަނިކުފާނަށްވެސް ވަރަށް ފަސޭހަ ކަމެެއް ކަމަށެވެ. ނަމަވެސް ޤައުމާމެދު އޮތް ވިސްނުން ޙަޤީޤަތަށް ހަދައި އައު ޖީލަކަށް ޤައުމުގެ ހުންގާނު ޙަވާލު ކުރުމަކީ އަމާޒުކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ޞައްދާމު

13-Mar-2023

30 ވޯޓް


0

ޢަހުމަދު

12-Mar-2023

މަޖުބޫރުވާނެތާ އިބުރާހީމް މުޙައްމަދު ވެރިކަމުން ބޭލޭނީ މުނައްވަރުމެން ކަހަލަ ފެއިލްވީމަ ސިޔާސީމައިދާނުން ގެއްލުނު މީހެއް. ޙީވޭތަ? މުނައްވަރަށް މިކަންވާނެހެން މަށަށް ހީނުވޭ އައްޑު އިންވެސް 30 ޕަސެންޓް ލިބޭނެހެން


-1

ދިވެހި ޒުވާނުން

13-Mar-2023

ކޮންމެ ރަށަކަށް 10 މިލިއަން ރުފިޔާ ހިފައިގެން އާދޭ ވެރިކަމަށް ވޯޓުހޯދަން އޭރުން ނެގޭނެ ވޯޓް