އިންތިޚާބުތަކާ ދިމާކޮށް ކެންޑިޑޭޓުން ދޭ ރިޝްވަތާއި، ހުށައަޅާ ވައުދުތައް ވަކިވާނެގޮތްތައް ބަޔާންކުރާ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ވައުދާއި ރިޝްވަތު ވަކިކުރުމަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒެވެ.

ސަރުކާރުގެ ފަރާތުން މުޢިއްޒު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ، އިންތިހާބަށް އިއުލާނުކުރާ ދުވަހުން ފެށިގެން، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހާ ހަމައަށް ކެނޑިޑޭޓުންގެ ވައުދުތައް ފިޔަވައި ފައިސާދީ، މަންފާއެއް ހޯދައިދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށެވެ.

އޭގެ އިތުރުން ވޯޓު ގުނާ މަރުކަޒުގައި ތިބެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށް އިސްލާޙު ހުށައަޅާފައިވެއެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިން ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ހަމަ އެއާއެކު ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރުކޮށް، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 30 ދުވަހުގެ ނިޔަލަށް ވޯޓުލުމުގައި ބޭނުން ކޮށްފައިވާ ލިޔެކިޔުމާއި ތަކެތި ރައްކާކޮށްފައިވާ ބަހައްޓަން ވާނެ ކަމަށް ވަނީ ހުށައަޅާފައެވެ. އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ނުވަތަ ކޯޓަށް އިންތިހާބާ ގުޅޭ މައްސަލައެއް ހުށަނާޅާކަން ކަށަވަރު ކުރުމަށް ފަހު އެ މުއްދަތުގެ ފަހުން ގުނާފައިވާ ވޯޓު ކަރުދާސްތައް ނައްތައިލެވޭނެ ކަމަށެވެ.

ސަރުކާރުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ހުށައެޅި އިސްލާޙުތަކަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މަކަރާ ހީލަތުން ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން