ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު އެޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު ބޭއްވި ޖުމްހޫރީޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބައްދަލުވުމުގައި ސަމީރު ބައިވެރިވެލެއްވި ނަމަވެސް ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ތާއީދު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކަމަށެވެ. އެހެންކަމުން މިވަގުތު ޖުމްހޫރީ ޕާޓީގައި ހުންނެވުމަކީ އޭނާގެ ޒަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވެފައިވެއެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފެންނަ ކަމަށް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ވޯޓު ދެއްވާފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ދާދިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ލީޑަރުންވަނީ ޖޭޕީގެ ލީޑަރ ޤާސިމާއެކު ގިނަ މަޝްވަރާތަކެއް ބާއްވަވާފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު