އަހުމަދު ޝާހް   15 މާރިޗު 2023 - 2:35
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް އެޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޖުމްހޫރީޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ގާސިމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޖުމުހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ޖަލްސާ ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ލީޑަރު ގާސިމް ވަނީ ރައީސް ނަޝީދާ ނުލާ އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު